Friday, September 13, 2013

ދިވެހި ޤައުމުގެ ދިރުމަކީ ދިވެހި ޒުވާނުންނެވެ



  ދިވެހި ޤައުމުގެ ދިރުން ގުޅިފައިވަނީ ދިވެހި ޒުވާނުންގެ ލެޔާއި ވިންދާއެވެ. ދިވެހި ޤައުމަށް ދިރުން ގެނެސްދީ ޤައުމު އާރާސްތު ކުރުމުގައި ޒުވާނުންގެ ޙިއްސާ މިފަދަ ކަންކަމުގައި ނުހަނު ބޭނުންތެރި ކަމެކެވެ. ޢިލްމީ ގޮތުންނާއި ޢިޖުތިމާޢީ ގޮތުންނާއި ޢިޤްތިޞާދީ އަދި ފަންނީ ގޮތުން އެކިއެކި ރޮނގުރޮނގުން ޒުވާނުންގެ ކިބައިން މިޤައުމަށް ދިރުން ގެނެސްދިންކަމުގެ އަލިގަދަ ހެއްކެކެވެ.


        ޒަމާނުއްސުރެ ދިވެހި ޒުވާނުންނަކީ ހިތްހެޔޮ، މުރާލި އަދި ހީވާގި ބައެއްކަމުގައި ވަނީ މަޝްހޫރުވެފައެވެ. އަދި ޒުވާނުންނަކީ ޤައުމު ދެކެ ލޯބިވާ ދަރިންތަކަކަށް ވުމާއެކު މި ދިވެހި ޤައުމު އާރާސްތު ކުރުމަށް ނުހަނު ގިނަގުނަ މިންނެތް މަސައްކަތްތަކެއް ކުރަމުން އަންނަ ބައެއްވެސް މެއެވެ. ދިރިއުޅުމުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލި ކަމުގައިވިޔަސް މިކަން ވަރަށް ރަނގަޅަށް ޘާބިތު ވެއެވެ.

        ތައުލީމީ ގޮތުން ދިވެހި ޒުވާނުންނަކީ ވަރަށް ބޮޑަށް ކުރިއަރައި ގޮސްފައިވާ ބައެކެވެ. އެގޮތުން ބޭރުގެ ޔުނިވަރސިޓީތަކުންނާއި ދުނިޔޭގެ ނިސްބަތުން އެކިއެކި މާއްދާތަކުން މަތީ ވަނަތަކާއި ސަނަދުތައް ހާޞިލުކޮށް ތައުލީމީ ދާއިރާއަށް ޙިދުމަތް ކުރުމުގައި ދިވެހި ޒުވާނުން ދައްކުވައިދީފައި ވަނީ ވަރަށް ރިވެތި ނަމޫނާއެކެވެ. ވޭތުވެދިޔަ އަހަރުތަކާ އަޅާ ބަލާއިރު މިހާރު ރާއްޖޭގެ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީ ޓީޗަރުންގެ ނިސްބަތް އެތއްގުނައަކަށް ތިރިވެ ދިވެހި ޒުވާނުން މިދާއިރާގައި ހަރަކާތްތެރިވުމީ ތައުލީމީ ދާއިރާއަށް ޒުވާނުންގެ ލޯބި ޖެހިފައިވާ ކަމުގެ ހެއްކެކެވެ.

        ދިވެހި ރާއްޖޭގެ މައި ލޭނާރުކަމުގައިވާ މަސްވެރިކަމަކީ ދިވެހި ޒުވާނުން އެކަމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ އަދި އެތައް ޒުވާނުންނެއް އެކަމުން ނަފާ ހޯދާ ކަމެކެވެ. ބޮޑު ކަންނެލީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމަކީ އާއްމުކޮށް ޒުވާނުން ކުރަމުން އަންނަ މަސައްކަތެކެވެ. އެހެން ކަންކަމެކޭވެސް އެއްފަދައިން މަސްވެރިކަމުގައިވެސް ދިވެހި ޒުވާނުން ވަނީ އެބައިމީހުންގެ ކެތްތެރިކަމާއި ޘާބިތުކަން ދައްކުވައިދީފައެވެ. އެގޮތުން ރެޔާއި ދުވާލު، އައްވާއި ފިނީގައި އެތައް ވަގުތު ތަކެއް މަސްވެރިކަމުގައި ހޭދަކުރެއެވެ.

        ބޭރުގެ ޤައުމުތަކުގެ އިސްތިއުމާރުގެ ދަށަށް ދިވެހި ޤައުމު ދިޔަނުދީ މި ޤައުމަކީ މިނިވަން ޤައުމެއްގެ ގޮތުގައި ހަދައިދިނުމަށާއި ދިވެހިންނަށް އަމާންކަމާއި ސުލްޙަ މަސަލަސްކަން ހޯދައި ދިނުމަށްވެސް ދިވެހި ޒުވާނުންވަނީ އަތުކުރި އޮޅާލާފައެވެ. އެގޮތުން 3 ނޮވެމްބަރުގައި އައި އުދުވާނީ ހަމަލާއިން މި ދިވެހި ޤައުމު ސަލާމަތްވެފައި މިއަދު މިއޮތީ މިފަދަ ހިތްވަރުގަދަ ކެރޭ ޒުވާނުންގެ ފުރާނަތައް ދީނާއި ގައުމަށްޓަކައި ޤުރުބާން ކޮށްގެންނެވެ. މި މަތިވެރި ގުރުބާނީއަކީ އަންނަން އޮތް ޖީލުތަކަށް ދިވެހި ޒުވާނުން ދައްކުވައިދިން ރިވެތި ނަމޫނާއެކެވެ.


        ދިވެހި ރާއްޖޭގެ އިޤްތިޞާދުގެ މައިދޮރާށި ކަމުގައިވާ ޓޫރިޒަމް ދާއިރާއަކީވެސް ދިވެހި ޒުވާނުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ. ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ މެހެމާނުންނަށް މަރުހަބާކިޔައި ރާއްޖޭގެ ޘަޤާފީ ނެށުންތަކާއި ކޮޅިވަރުތައް އަދި ހަމައެހެންމެ ރާއްޖޭގެ އާޘާރީ ތަންތަނާއިބެހޭ މަޢުލޫމާތުތައް ފަތުރުވެރިންނާ ހަމައަށް ފޯރުކޮށްދީ އެމީހުންގެ އެންމެ މަޤުބޫލް މަންޒިލެއްކަމުގައި ރާއްޖެ ހެދުމަށްވެސް ދިވެހި ޒުވާނުންވަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މިއީ ދިވެހި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ދިވެހި ޒުވާނުން ކުރެއްވި އަގުހުރި މަސައްކަތެއްކަން ފާހަގަ ކުރެވެއެވެ.

        އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ފަހުރަކީ އަޅުގަނޑުމެން އެންމެން އެއްބަހަކުން ވާހަކަދައްކަމުން އަންނަ ދިވެހި ބަހެވެ. އެތައް ޒަމާނަކަށްފަހު މިއަދާހަމައަށްވެސް މި ބަސް ދެމި އޮންނަނީ ދިވެހި ޒުވާނުންގެ ހިތްވަރާއި ފަންވަރުގެ ސަބަބުންނެވެ. އިނގެރޭސި ބަހުން ނުވަތަ އެހެން ބަސްބަހުން ލިޔެފައިވާ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކޮށް ދިވެހީންނާ ހަމައަށް ފޯރުކުރުވީވެސް ދިވެހި ޒުވާނުންނެވެ. މިއީ ދިވެހި ބަހަށް ޒުވާނުންގެ ހިތްތަކުގައި އޮތް ލޯބި އިތުރުވެ ބަހަށް ޙިދުމަތްކުރުމުގެ ޝައުގުވެރިކަން ހުރިކަމުގެ ނަތީޖާއެވެ.

        ކުޅިވަރުގެ ދާއިރާއަށް ނަޒަރު ހިންގާލި ނަމަވެސް ހަމަ ފެނިގެންދަނީ ދިވެހި ޒުވާނުންގެ ހިތްވަރާއި ޢަޒުމު ވަރުގަދަކަމެވެ. ބޭރު ގައުމުތަކުގެ ޓީމުތަކާއެކު ދިވެހި ޒުވާނުންގެ ޓީމުތައް ކުޅެމުންގޮސް ރާއްޖެއަށް ކުޅިވަރުގެ ރޮނގުން އެތަކެއް ވަނަތަކަކާއި މެޑަލްތަކެއް ވަނީ ދިވެހި ޒުވާނުން ޙާޞިލްކޮށްދީފައެވެ. މީގެ އިތުރުން ދިވެހި ޒުވާން ކުޅުންތެރިންނަކީ ދުނިޔޭގެ ފެންވަރުގައި ހޮވާލެވޭ ފަދަ މޮޅެތި ގޯލްތަކެއް ޖަހާދީފައިވާ ކުޅުންތެރިންކަންވެސް ފާހަގަކޮށްލެވެއެވެ.

        މިހުރިހާ ރޮނގަކަށް ނަޒަރު ހިންގާލި ނަމަވެސް އެނގި ހާމަވެގެންދަނީ ދިވެހި ޒުވާނުންނަކީ ޤައުމަށް ބޭނުންތެރި އެއްބައެއްކަމުގައެވެ. ދިވެހި ޒުވާނުންނާ ނުލައި މިޤައުމު ތަރައްޤީގެ ކުޑަ މިންވަރަކާ ހަމައަށްވެސް ވާޞިލްނުވާނެކަމެވެ. ދިވެހި ޒުވާނުންނާއި ނުލާ ދިވެހި ޤައުމަށް ދިރުން ނުލިބޭނެކަމެކެވެ. ޤައުމެއް ތަރައްޤީވާނީ އެޤައުމެއްގެ ޒުވާނުންގެ ހިއްސާ ފުރިހަމައަށް ލިބިގެންނެވެ.