ރަށުކައުންސިލްގެ ރައީސްކަން
ލިބިއްޖެނަމަ ފުރަތަމަވެސް އަޅުގަނޑު މަސައްކަތް ކުރާނީ ރަށަށް ތަރައްގީ
ގެނެސްދިނުމަށާއި ރަށުގެ ރަތްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޙައްޤުތައް
ހޯދައިދިނުމަށެވެ. އެގޮތުން ރަށުގައި އަމާންކަމާއި ސުލްޙަ މަސްލަސްކަން ޤާއިމުކޮށްދީ
ރަށުގެ ރައްޔިތުންނަކީ ހޭލުންތެރި ބައެއްކަމުގައި ހެދުމަށް ތަފާތު އެކިއެކި
ޕްރޮގްރާމްތައް ހިންގާނަމެވެ.
ރަށުގައި ދިރިއުޅޭ ޒުވާނުންނަކީ މަސްތުވާ
ތަކެތިން ސަލާމަތްވެފައިވާ ބައެއްކަމުގައި ހަދައި ޒުވާނުންނަށް ރަށުން ވަޒީފާ
ލިބޭނޭ ދޮރުތައް ހުޅުވާދޭނަމެވެ. އަދި ޒުވާނުންނަށް ހާއްސަކޮށްގެން އެކިއެކި
ކޯސްތައް ހިންގައި ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއަށް ފަސޭޙަކަމާއެކު
ދެވޭނެ މަގުތައް ފަހިކޮށްދޭނަމެވެ. ޒުވާނުންގެ ދީނީ ހޭލުންތެރިކަން އިތުރު
ކުރުމުގެ ގޮތުން ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިންގެނެސް ދީނީ ދަރުސްތައް
ނުވަތަ ދީނީ ޕްރޮގުރާމްތައް ހިންގާނަމެވެ.
ރަށު ސްކޫލްގެ ތަޢުލީމީ ފެންވަރު
ރަނގަޅުކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ޓީޗަރުން ގެނެސްދީ ދަރިވަރުން
ކިޔަވާހިތުން ކިޔަވާނެފަދަ ނިޒާމްތަކެއް ރަށު ސްކޫލްގައި ޤާއިމްކުރާނަމެވެ.
އެގޮތުން ސައިސް ސުޓްރީމް ދަރިވަރުންނަށް ޙާއްސަކޮށް ސައިސް ލެބްރޮޓަރީއެއް އަޅައިދޭނަމެވެ.
އަދި ހަމައެއާއެކު ހުރިހާ ދަރިވަރުންނަށް ޙާއްސަކޮށް އޯޑިއޯ ވިޝުއަލް ރޫމްއެއް
އަޅައިދީ އިތުރު މަޢުލޫމާތު ހޯދޭނެފަދަ ލައިބްރަރީއެއްވެސް ރަށު ސްކޫލްގައި އަޅައިދޭނަމެވެ. އަދި ފާޙާނާގެ
ނިޒާމު ރަނގަޅުކޮށް ދަރިވަރުންނަށް ނަމާދުކުރެވޭނެގޮތަށް މިސްކިތެއްވެސް
ބިނާކޮށްދޭނަމެވެ. އަދި ހަމައެހެންމެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން
ހައްލުކުރުމަށް އިތުރު ކުލާސްތައް އަޅައި ރަށުސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް
ބަދަލުކޮށްދޭނަމެވެ.
ރަށުގެ ސިއްޙީދާއިރާގެ
ޙިދުމަތްތައް ރަނގަޅުކުރުމަށް ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއްދީ ފެންވަރު
ރަނގަޅު ޑޮކްޓަރުންނާއި ނަރުހުން ހޯދައި ލުއިފަސޭހަކަމާއެކު އާސަންދައިގެ ނިޒާމެއް
ރަށުގެ ހުރިހާ ރައްޔިތުންނަށްވެސް ބޭސްފަރުވާކުރެވޭނެ މަގު ފުޅާކޮށްދޭނަމެވެ. ރަށު
ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ހޮސްޕިޓަލް ބޮޑުކުރުމަށް
ކުރެވެންހުރި ހުރިހާކަމެއްވެސް ކޮށްދޭނަމެވެ. އަދި ހައެއާއެކު ރަށު ހޮސްޕިޓަލިން
އޮޕަރޭޝަންގެ ޙިދުމަތްވެސް ޤާއިމްކޮށްދީ ބަލިމީހުންގެ ޓެސްޓުތައް ތަޚުލީލު
ކުރެވޭނެފަދަ ލެބޯޓްރީއެއް ޤާއިމްކޮށްދޭނަމެވެ. އަދި ރަށުން ބޭސް ހުސްވިޔަނުދީ
އިތުރު ފިހާރަތައްވެސް އެޅުމަށް މަސައްކަތް ކޮށްދޭނަމެވެ.
ރަށު ރަތްޔިތުންނަށް ފަސޭހައިން
އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު ކުރުމުގެ ފެރީގެ ނިޒާމެއް ޤާއިމުކޮށްދީ
މާލެއާއި އެއްފެންވަރެއްގެ ފެރީޓަރމިނަލްއެއް ޤާއިމްކޮށްދޭނަމެވެ. އަދި މިހާރު
މިއޮތް ފެރީގެ ނިޒާމު އިތުރަށް ފެންވަރު ރަނގަޅުކޮށް ހުރިހާ ރަށަކަށްވެސް
ފަސޭހައިން ދަތުރުކުރެވޭނެގޮތް ހަމަޖައްސަވައި ޒަމާނީ ގޮތަށް ތައްޔާރުކޮށްފައިވާ
ފެރީތަކެއް ގެނައުމަށްވެސް އިޚުލާސްތެރި މަސައްކަތެއް ކޮށްދޭނަމެވެ.
ރަށުގެ ޒުވާނުން ކުޅިވަރު
ކުޅުމަށް މިހާރު އޮތް ފުޓޮބޯޅަ ދަނޑަށްވުރެ ފެންވަރު ރަނގަޅު ދަނޑެއް
ހަދައިދޭނަމެވެ. އަދި އެދަނޑަކީ ޒަމާނީގޮތައް ތައްޔާރުކުރެވޭ ސުޓޭޑިއަމްއެއްވެސް
އެކުލެވިގެންވާ ދަނޑެއްގެ ގޮތުގައި ހަދައިދޭނަމެވެ. ރަށުގެ ޒުވާނުންނަށް
ފުޓުބޯޅައިގެ ކުޅިވަރުނޫން އެހެން ކުޅިވަރުތައްވެސް ތަޢާރަފްކޮށްދީ ފުޓްބޯޅަ
ދަނޑެއްގެ އިތުރުން ބާސްކެޓް ބޯޅަ ކޯޓަކާއި ވޮލީބޯޅަ ކޯޓެއްވެސް ހަދައިދޭނަމެވެ.
މިއީ ޒުވާނުން ކުޅިވަރަށް އަޙައްމިއްޔަތުކަން އިތުރުކުރުމަށް ނިންމާފައިވާ
ގޮތްތަކެވެ.
ރަށުގެ މަސްވެރިންނާއި
ދަނޑުވެރިންނަށް ހާއްސަކޮށްގެން ލުއިލޯނު ރަށުން ލިބޭނެ މަގުތަނަވަސް ކޮށްދޭނަމެވެ.
އަދި ހަމަ އެއާއެކު މަސްވެރިންނަށާއި ދަނޑުވެރިންނަށް ލިބެންޖެހޭ ޙައްޤުތައް
ހޯދައިދީ މަސްވެރިންނަށް ތެލުގެ ސަބްސިޑީޒްއާއި ދަނޑުވެރިންނަށް ދަނޑުވރިކަމުގެ
ސަބްސިޑީޒްއެއް ގާއިމުކުރުމަށް ކެނޑިނޭޅި މަސައްކަތްކޮށްދޭނަމެވެ. މަސްވެރިން ބާނާ
މަސްތައް ފަސޭހަކަމާއެކު ވިއްކުމަށްޓަކައި މަސްމާރުކޭޓެއް މިރަށުގައި ބިނާކޮށްދޭނަމެވެ.
ޤައުމަށް ކުރިމަތިވެފައިވާ ސިޔާސީ
ބައިބައިވުންތަކުން މަރަށުގެ ރައްޔިތުން ސަލާމަތްކޮށްދީ މިރަށުގެ ރައްޔިތުންނަކީ
އެއްބައިވަންތަ ބައެއްކަމުގައިހެދުމަށް ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދޭނަމެވެ.
މި ދެންނެވިދިޔަ ކަންތައްތަކުގެ އިތުރުން ރަށަށް ބޭނުންވާތަރައްޤީ ހޯދައިދިނުމަށް ގަދައަޅައި
މަސައްކަތް ކޮށްދޭނަމެވެ. އަދި ތަރައްޤީ ގެނައުމުގައި ރައްޔިތުންގެ ޙިޔާލުޚިޔާލު
ހުރިގޮތެއްވެސް ހޯދާނަކެވެ.