ބޮޑު ތިލަދުން މަތީގެ ތަށްތަކުގެ ތެރެއިން
އެންމެ ބޮޑު އާބާދީއެއް އޮންނަ އެއްރަށަކީ ހ.އ އިހަފަރެވެ. ނަމަވެސް މިހާއާބާދީ
ބޮޑު ރަށަކަށް ވީއިރު އަރާ ފޭބުމުގެ ދަތިތައް އެރަށުގެ ތައްޔިތުންނަށް
ކުރިމަތިވެފައިވެއެވެ. މިއީ މިނިސްޓްރީ އޮފް ހައުސިން އެންޑު އެންވިރޮންމެންޓުގެ
ފަރާތުން އެރަށުގެ ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ރައްޔިތުން ނުކުމެ
ހުއްޓުވުމާޢި ގުޅިގެން އެކަންތައް ތަހުގީގު ކުރުމަށްފަހު ލިޔާ ރިޕޯޓެކެވެ.
މިރިޕޯޓުގައި އަލިއަޅުވާލައިފައި ވާނީ ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓުވި ސަބަބާއި މީގެ ކުރިން ފަޅު މަރާމަތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި ފަޅު މަރާމާތު ކުރުން ހުއްޓުވުމުގެ ސަބަބުން އާއްމުންނަށް ކުރިމަތި ވެފައިވާ ދަތިތަކާއި މަސްވެރިކަމާއި ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ އުނދަގޫތަކެވެ. އަދި މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެކަމުގައި ޒިންމާވާނެ ފަރާތެވެ.
މިރިޕޯޓުގައި އަލިއަޅުވާލައިފައި ވާނީ ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓުވި ސަބަބާއި މީގެ ކުރިން ފަޅު މަރާމަތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާއި ފަޅު މަރާމާތު ކުރުން ހުއްޓުވުމުގެ ސަބަބުން އާއްމުންނަށް ކުރިމަތި ވެފައިވާ ދަތިތަކާއި މަސްވެރިކަމާއި ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ އުނދަގޫތަކެވެ. އަދި މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެކަމުގައި ޒިންމާވާނެ ފަރާތެވެ.
ފަޅުގެ
މަސައްކަތް ހުއްޓުވި ސަބަބު:
ހއ
އިހަފަރު ފަޅުގެ މަސައްކަތް ހުއްޓުވާފައިވަނީ ޒަމާނީ ފެންވަރަކަށް ފަޅުގެ
މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެއެވެ. ބޭރުތޮށި ލުމުގައިވެސް ހިލަޖެހުމުގެ
ބަދަލުގައި ވެލިބަސްތާޖެހި ތޮއްޓެއް ލާން މަސައްކަތް ކުރުމީވެސް ރައްޔިތުން
ހިތްހަމަ ނުޖެހޭ ކަމެއް ކަމުގައި ބުނެއެވެ. އަދި މިކަމުގައި ރައްޔިތުންގެ ހިޔާލާއި
މަޝްވަރާ އެއްވެސް ވަރަކަށް ހޯދިފައި ނުވާކަމަށް ރަށުގެ ގިނަބަޔަކު ބުނެއެވެ.
ވުމާއިއެކު ރަށުގެ ގިނަބަޔަކު ނުކުމެ މިމަސައްކަތް ހުއްޓުވައިފައިވަނީ ދެފަރާތް
އެއްބަސްވާ ރަނގަޅު ގޮތަކަށް އެކަން ނިންމުމަށެވެ. އަދި ގިނަ އަދަދެއްގެ
ރައްޔިތުން ބުނާ ގޮތުގައި މީގެ ކުރިން ފަޅުމަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައި
ވަނީ މިފަހަރާ މުޅިން ޚިލާފަށެވެ.
މީގެ
ކުރިން ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަގޮތް:
ރައްޔިތުންގެ
ތެރެއިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި މީގެ ކުރިން ފަޅު މަރާމާތު
ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރަށުގެ ކަމްވޮށިގެންވާ
ބޭފުޅުންނާއި ކުލަބު ޖަމިއްޔާ ޖަމާއަތްތަކާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ
މަޝްވަރާގެ މަތިންނެވެ. އަދި އެފަހަރު ފަޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް
ގެންގޮސްފައި ވަނީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ހިޔާލުގެ މަތިންނެވެ.
މިފަހަރު ރައްޔިތުން އެދޭ ގޮތަށް ކަންނުވުމުގެ ސަބަބުން އާމުންނަށް ވަރަށް ބޮޑެތި
ދަތިތަކެއް ކުރިމަތި ވަމުންދެއެވެ.
އާމުންނަށް
ކުރިމަތިވެފައިވާ ދަތިތައް:
އާމުންނަށް
ކުރިމަތި ވެފައިވާ ދަތިތަކުގެ ތެރޭގައި ރަށަށް އަރާ ފޭބުމުގެ ކަންތައް އުނދަގޫ
ވުމާއި، ވިޔަފާރިވެރިން ގެންނަ މުދާތައް ބޭލުން ތާށިވުން ހިމެނެއެވެ. މިކަމުގެ
ސަބަބުން ރައްޔިތުން ކެއިން ބުއިމަށް ބޭނުންކުރާ ކާޑުގެ ބާވަތްތަކާއި ތައްޔާރީ
ކާނާއާއި ކުޑަކުދިންގެ ސާމާނު ފަދަ މުހިންމު ތަކެތި ލިބުން ވަނީ ދަތިވެފައެވެ. އަދި
ތަކެތީގެ އަގު އިންތިހާއަށް އަރައިގެން ގޮސްފައި ވެއެވެ. މިކަމުގެ ސަބަބުން
އުނދަގޫވަނީ އާމުންނަށް އެކަނޏެއް ނޫނެވެ. މަސްވެރިންނަށްވެސް އުނދަގޫވެއެވެ.
މަސްވެރިންނަށް
ކުރިމަތިވާ އުނދަގޫތައް:
ރަށުގެ
މަސްވެރިންގެ އިތުރުން އެހެން ރަށްރަށުން މަސްވިއްކަން އަންނަމީހުންނަށް މިކަމުގެ
ތުރާ ވަނީ ކުރިމަތިވެފައެވެ. މިގޮތުން ކުރިހުރި މަސްކަޑަ ތަޅާލައި، އާތަނެއް
ނުހަދާ ހުރުމުގެ ސަބަބުން މަސްވެރިން ގެންނަ މަސްތައް ވެލިގަނޑުގެ މައްޗަށް އުކަން
ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން މަހުގެ ކޮލިޓީ ދަށްވެ، މަހުން ވެލި ފިލުވަން
އުނދަގޫވެއެވެ. އަދި ހަމައެހެންމެ މިރަށު ފަޅު މަރާމާތު ކުރުން ހުއްޓުފައި
އޮތުމުގެ ސަބަބުން މިއަތޮޅުގެ ފަތުރުވެރިކަމަށްވެސް އަސަރުކޮށްފައި ވެއެވެ.
ފަތުރުވެރިކަމަށް
ކުރި އަސަރު:
ވޭތުވެދިޔަ
ހައެއްކަ ދުވަހުގެ ތެރޭގައި މިރަށަށް ސެޑިއުލްކޮށްގެން ބާއްވާ ފަތުރުވެރިން ބާޒާރު
ކުރުމުގެ ދަތުރުތައްވަނީ ކެންސަލް ކުރެވިފައެވެ. މީގެ ސަބަބުން ފަތުރުވެރިންނަށް
ތަކެތި ވިއްކާ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެފައި ވެއެވެ.
އަދި މިރަށުގެ ކާރި ރިސޯޓްތަކަށް އަންނަފަތުރުވެރިން ދިޔައީ މަދުވަމުންނެވެ.
ނިންމުން:
ހއ.
އިހަފަރު ފަޅުގެ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ރަށަށް އަރާ ފޭބުމަށާއި
ފުރާދުއްވާ ފަރާތްތަކަށް ވަނީ ވަރަށް ބޮޑެތި ތަކުލީފްތަކަކާ ކުރިމަތިވެފައެވެ.
މިކަމުގެ ޒިންމާ ވާންޖެހޭނީ ކައުންސިލުންނާއި، މަސައްކަތާ ހަވާލުވި
ކުންފުނިންކަމަށް ރަށުގެ ގިންބަޔަކު ބުނާއިރު، ރަށުކައުންސިލުން ބުނަނީ މިކަމުގެ
ޚަޤީޤީ ޒިންމާ ނަގަންޖެހޭ ފަރާތަކީ ރަށުގެ ރައްޔިތުން ކަމަށެވެ. މިފަދަ
ދަނޑިވަޅެއްގައި އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކޮށްގެން މައްސަލަ ހައްލު
ނުވާނެކަން ދަންނަވަން ޖެހެއެވެ. އެގޮތުން މަޝްވަރާގެ އުސޫލު ކުރިއަށް ނެރެ
ދެފަރާތް އެއްބަސްވާ ރަނގަޅު ގޮތަކަށް މިކަން ނިންމުން މުހިންމުކަން ފާހަގަ
ކޮށްލަމެވެ. މިކަމަކީ ސިޔާސީ ކަމަކަށް ނުހަދާ ރައްޔިތުންނަށް އެންމެ ފައިދާވާނެ
އުސޫލެއްގެ މަތިން މިކަން ކުރިއަށް ގެންދިޔުމަކީ އެންމެ ރަނގަޅު ގޮތަކަމުގައި
ފެނެއެވެ.